މި މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓަކާއި، އިތުރު 15 މީޓަރުގެ ތޮށްޓެއް ލުމުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައެވެ.
ދެ ފިޔަވަައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، މާލޭ ކޮމާޝަލް ހާބަރު (އެމްސީއެޗް) އާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް (އެޗްއައިޓީ) ގައި މިހާރު ހުރި ހުސް ކޮންޓެއިނަރުތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު މާލޭ ބަނދަރުގައި މިހާރު އޮޕަރޭޝަންތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ގާއިމްކުރުމާއި، އިތުރު ވަސީލަތްތައް ތަރައްގީކުރުން ހިމެނެއެވެ. އެގޮތުން، 2.3 ކިލޯމީޓަރުގެ ޑޮމެސްޓިކް ކުއީ ވޯލްއަކާއެކު، މާލެއާއި ހުޅުމާލޭގެ މިހާރުގެ 3،000 ކޮންޓެއިނަރުގެ ކެޕޭސިޓީ 10،000 އަށް އިތުރުކުރެވޭނެއެވެ. ޖުމްލަ 255 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ވެލްފެއާ ސެންޓަރެއް ގާއިމްކުރުންވެސް ހިމެނެއެވެ.