ads
ކިންގްސްޓަން: ފޮޓޯ މިހާރު
ޝޯރޫމުގައި ބެހެއްޓި ސައިކަލުތަކެއް ވިއްކާލުމަށްފަހު ފައިސާ ނުދީ އޮޅުވާލައިފި
ޝޯރޫމުގައި ޑިސްޕްލޭ ކުރަން ބެހެއްޓި ސައިކަލުތަކެއް ހުއްދަ ނެތި ވިއްކާލުމަށްފަހު، އަސްލު ވެރިފަރާތަށް ފައިސާ ނުދީ އޮޅުވާލި މައްސަލައެއްގައި ކިންގްސްޓަން މޯލްޑިވްސްއިން ގިނަ އަދަދެއްގެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތު ކުރެވޭ މި ކުންފުނީގެ މައްޗަށް މި ހުކުމް އައީ ވީ މޮޓާސް ނަމަކަށް ކިޔާ ކުންފުންޏަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ވީ މޮޓާސްއިން ވަނީ އެ ކުންފުނީގެ ބައެއް ސައިކަލުތައް ކިންގްސްޓަންގެ ޝޯރޫމުގައި ޑިސްޕްލޭ ކުރުމަށް ލޯނު އުސޫލުން ދީފައެވެ. ނަމަވެސް ކިންގްސްޓަންއިން ވަނީ އެ ސައިކަލުތައް ވިއްކާލައި ހޯދި 1.2 މިލިއަން ރުފިޔާ ވީ މޮޓާސްއަށް ހަވާލު ނުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައެވެ. މި ހުކުމް ކޮށްފައިވަނީ ކިންގްސްޓަން ކުންފުނީގެ ފަރާތުންނާއި ކުންފުނީގެ ހިއްސާދާރު، ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހުމަދު އާތިފް ހަސަން ކޯޓަށް ހާޒިރުވެފައި ނުވާތީ، ގައިރު ހާޒިރުގައެވެ.

މިއީ ކިންގްސްޓަން އިން މިފަދަ މަކަރާއި ހީލަތުގެ އަމަލެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އިސްލާމިކް ބޭންކް މެދުވެރިކޮށް އާންމުންނަށް ސައިކަލު ދޫކުރުމުގައި މަކަރު ހަދާފައިވާތީ، މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެ ބޭންކަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމެއް ކޮށްފައެވެ. ކިންގްސްޓަންގެ އޮޅުވާލުންތަކުގެ ޝިކާރައަކަށްވި މީހުންގެ އަދަދު 100 އާ ގާތްކުރާ ކަމަށް ބެލެވޭއިރު، ފުލުހުންވެސް ވަނީ މީގެކުރިން އެ ކުންފުނީގެ މައްސަލަތަކާ ގުޅިގެން މައުލޫމާތު އެއްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް