
އޭޝިއާގެ ޝަރަފްވެރި ރޭމަން މަގްސޭސޭ އެވޯޑު ލިބެނީ ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޕާލޭ މޯލްޑިވްސް އެގްޒެކްޓިވް ޑިރެކްޓަރު ޝާހީނާ އަލީ އަށެވެ.
ފިލިޕިންސްގެ ކުރީގެ ރައީސް، މަގްސޭސޭގެ ނަމުގައި ދޭ މި އެވޯޑު އިތުރަށް ދެން ލިބިފައިވަނީ ފިލިޕިންސްގެ އާއްމު ހިދުމަތްތެރިޔަކަށާއި އަންހެން ކުދިންގެ ތައުލީމަށް މަސައްކަތް ކުރާ އިންޑިއާގެ ޖަމިއްޔާއަކަށެވެ.
މަގްސޭސޭ ފައުންޑޭޝަނުން ބުނާ ގޮތުގައި ޝާހިނާއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ހާއްސަކޮށް ކަނޑައަޅާ ކުނި މަދުކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ފަރާތެެއްކަމަށާއި އޭނާގެ މި މަސައްކަތުން ކުރިއަށް އޮތް ޖީލުތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
ޕާލޭ މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ކަނޑުތަކަށް އަޅާ ކުނި މަދުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެ ޖަމިއްޔާގެ ގިނަ ޕްރޮގްރާމްތައް ރަށްރަށުގައި ގިނައިން ހިންގަ އެވެ.
ޕްލާސްޓިކް ރިސައިކަލް ކުރުމާއި ކަނޑުފަޅުތައް ސާފުކޮށް، ކަނޑަށް ކުނި އެޅުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގައި އެ ޖަމިއްޔާގެ ދައުރު ބޮޑެވެ.