ހަނދުކޭތައަކީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.
ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުން މާދަމާރޭ ހިފާ ހަނދުކޭތަ އެންމެ ސާފުކޮށް ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.
މާދަމާރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން 20:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 23:11 ގައިކަމަށާއި ހަނދުކޭތަ ވިއްލާނީ މެންދަމުން އަލިވެ 01:55 ގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މާދަމާރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުން އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. ކޭތަ ނަމާދުކުރާނީ 23:12 ގައިކަމަށް މިނިސްޓްރީން ބުނެއެވެ.