
މި ސްކީމްގެ ދަށުން ފަސް މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރީއާގެ އުސޫލުން ދޫކުރާ ލޯނެކެވެ. ގެސްޓްހައުސް އިމާރާތްކުރުމާއި، މަރާމާތުކުރުން އަދި ފަތުރުވެރިކަމާ ގުޅޭ ތަފާތު ވިޔަފާރި ހަރަކާތްތައް ފެށުމަށް މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީން މިހާރު ދަނީ ޓޫރިޒަމް، ކޮމާސް، ފިޝަރީޒް، ޓްރާންސްޕޯޓު، އުފެއްދުންތެރިކަން، ކޮންސްޓްރަކްޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އެގްރިކަލްޗަ ފަދަ 8 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. ނަމަވެސް، ސަރުކާރުން ވަނީ އެސްޑީއެފްސީގެ ހިއްސާ ބޭންކު އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ނިންމަވާފައެވެ. މިކަމުގެ މަޤްޞަދަކީ ބީއެމްއެލްގެ މާލީ ހާލަތާއި ފުޅާ ވިއުގަ ބޭނުންކޮށްގެން ރާއްޖޭގައި އެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުމެވެ.