
7 އޮކްޓޯބަރު 2023، އިން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނުގެ 100،000 އާ ގާތް ކުރާ އަދަދެއްގެ މީހުން ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރެއިން ޝަހީދުވި ކުޑަކުދިންގެ އަދަދު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 150،000 އަށް ވުރެ މަތިވާނެ ކަމަށް ވެސް ބެލެވެ އެވެ.
މީގެ އިތުރުން ގާޒާގެ އާބާދީގެ 2.3 މިލިއަން މީހުން އެ ބިމުން ނެރެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން އަންނަނީ ބުނަމުން ނެވެ. އަދި ގާޒާގެ އިންފްރާސްޓްރަކްޗާގެ 90 ޕަސެންޓު އިޒްރޭލުން ނެތިކޮށްލާފައިވާ ކަމަށް ވެސް ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން ވެސް އަންނަނީ ބުނަމުން ނެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކާއި ލައިބްރަރީތަކާއި އަރުޝީފުގެ އެތައް އިމާރާތެއް ހިމެނެ އެވެ.
އިޒްރޭލުގެ އަރަބި ތަރުޖަމާނު އަވިޗޭ އަދުރައީ އެކްސްގައި ކުރި ޕޯސްޓެއްގައި އިންޒާރު ދެމުން ބުނީ ގާޒާ ސިޓީގެ މިލިއަނެއްހާ ބޮޑު އާބާދީ އެއްކޮށް ހުސްކުރާނެ ކަމަށާއި އެތަނުން ނުނިކުމެ ތިބި ބަޔަކަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ވަރުގަދަ ހަމަލާތަކާ ކުރިމަތިވާނެ ކަމަށެވެ.
ގާޒާ ސިޓީން ނުކުންނަ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސާ ކަމަށް ސިފަކޮށް ތަރުޖަމާނު ބުނީ އައްސޭރި ފަށުގައި އޮންނަ އަލް މަސާވީ ސަރަހައްދަށް ދިއުމުން ބޭހާއި ކާނާ އާއި ފެނާއި އަސާސީ އެހެނިގެން ތަކެތި ވެސް ފަސޭހައިން ލިބޭނެ ކަމަށެވެ.
ގާޒާ ސިޓީ އާއި އެ ސިޓީގެ ކައިރި ސަރަހައްދުތައް ހިމެނޭ ގާޒާގެ ގަވަރުނަރޭޓްގައި މިހާރު ވެސް ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅޭ ކަމަށް އދ. އިން އަންދާޒާކުރެ އެވެ.
ގާޒާއަށް ހަަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް މުޅި ގާޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމުގެ ޕްލޭންގައި ގާޒާ ސިޓީއަށް މިހާރު ވަނީ ވަރުގަދަ ހަމަލާތައް ދޭން ފަށައިފަ އެވެ. އދ. އާއި އިޒްރޭލުގެ އާންމުންނާއި އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތައްވާނެ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.