ޝަރީއަތް ނިމުމަކާ ގާތަށް އައީ، އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތެވެ. މި ނޫންވެސް އެހެން މައްސަލަތަކެއް ބައްސާމްއާ ދެކޮޅަށް ކުރިއަށް އެބަދެއެވެ.
ބައްސާމްގެ މައްސަލައިގައި އެންމެ ފަހު ހެއްކެއްގެ ގޮތުގައި މިއަދު ހެކިބަސް ނެގީ، ކުރީގެ ވައިސް ޕްރެޒިޑެންޓް އަދި މެޑިކް، އަހްމަދު ޝަކީބުގެ ހެކިބަހެވެ. ޝަކީބުވަނީ އޭނާ ހަނދާންވާ ގޮތުން 2018 ވަނަ އަހަރުގެ އެމަޖެންސީ ކޮމިޓީން ބައްސާމްއަށް އެލަވަންސެއް ދޭން ނިންމި ކަމަށް ބުނެފައެވެ. އެއީ ހަނދާންވާ ގޮތުން 3000 ޑޮލަރުގެ އެލަވަންސެއް ކަމަށް ޝަކީބު ބުންޏެވެ. އެކަމކު މަހުން މަހަށް އެ އެލަވަންސް ދޭ ކަމެއް ނޭނގޭ ކަމަށް ޝަކީބް ބުންޏެވެ. ޝަކީބު މިއަދުގެ އަޑުއެހުމުގައި ދެއްކެވި ގިނަ ވާހަކަތަކަކީ މީގެ ކުރިން ހެކިބަސް ދިން ބައެއް ހެކިން ވެސް ފާހަގަކުރި ކަންކަމެވެ.
ޝަކީބުގެ ހެކިބަސް ނަގާ ނިމުމާ އެކު ގާޒީ ވަނީ އެ މައްސަލައިގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލްކޮށް، މިމަހުގެ 29 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުން ތާވަލުކުރި އެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ މައްސަލާގައި ގޮތް ކަނޑައަޅައި، ހުކުމް އިއްވުމުގެ މަޖިލީހެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.