
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިކަން ހާމަކުރައްވަމުން ވިދާޅުވީ، މިހާރުވެސް މި ހިދުމަތްތައް ދިނުމަށް ބޭނުންވާ ނެޓްވޯކްތައް ރަނގަޅުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެ މަގުސަދަކީ ފްލެޓުތަކަށް މީހުން ވަދެ ދިރިއުޅެން ފަށާއިރު އެއްވެސް ދަތިކަމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރުތަކުގައިވެސް މިހާރު ކުރިއަށްދަނީ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިން މަސައްކަތްތަކެވެ. މީގެ ތެރޭގައި ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ ޔުޓިލިޓީ ހިދުމަތްތައް ގުޅައި ޓެސްޓުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން މި ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ވަކިވަކި އެޕާޓްމަންޓުތަކަށް ހިދުމަތް ގުޅައި ޓެސްޓުކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. އަދި ފެނުގެ ހިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކެއް މިހާރު ބޭނުންކުރަން ފަށާފައިވާއިރު، އިތުރު 10000 ޓަނުގެ ޓޭންކެއްގެ މަސައްކަތްވެސް ހުޅުމާލޭގައި ފަށާފައިވެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފްލެޓު ލިބުނު ފަރާތްތަކަށް ހިދުމަތްތަކަށް ރަޖިސްޓްރީވުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސޮއިކުރުން ކުރިއަށްދާ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ހާއްސަ ސްޓޯލެއް ގާއިމުކޮށްފައިވެއެވެ. މި ސްޓޯލް މެދުވެރިކޮށް ކަނެކްޝަން ގުޅުމަށް ފޯމު ހުށައެޅުމާއި ރަޖިސްޓްރީވުމުގެ އިތުރުން ހިދުމަތްތަކާ ބެހޭ އެހެނިހެން މައުލޫމާތުތައްވެސް ސާފުކުރެވޭނެއެވެ. މަތީން ވިދާޅުވީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއެކު، ފްލެޓުތަކަށް މީހުން ވަންނައިރު އެއްވެސް ދަތިކަމެއް ނެތި ހިދުމަތްތައް ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.