
މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވިފައިވާ ހަ އަންހެން ކުދިންނާއި ހަ ފިރިހެން ކުދިން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އޭ ލެވެލް ކިޔަވާ ހަތް ދަރިވަރުންނާއި އޯ ލެވެލްގެ ފަސް ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދަތުރަކީ އެ މިނިސްޓްރީގެ އެދުމަކަށް ޗައިނާ އެމްބަސީން ހަމަޖައްސައިދީފައިވާ ދަތުރެއް ކަމަށެވެ. މި ހަތަރު ދުވަހުގެ ދަތުރުގެ ހުރިހާ ހަރަދަކާއި އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވެސް ޗައިނާ އެމްބަސީންނެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވަނީ މިނިސްޓްރީގައި އެ ދަރިވަރުންނާ ބައްދަލުކުރައްވައި ދަތުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މި ދަތުރުގެ ތެރެއިން ދަރިވަރުންނަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި ހުރި ތަފާތު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ޗައިނާގެ ސްކޫލުތަކާއި މިއުޒިއަމްތަކާއި ސަގާފީ ހަރަކާތްތައް ބަލާލުމުގެ އިތުރުން ދުނިޔޭގައި މަޝްހޫރު ޗެންގްދޫ ރިސާޗް ޕެންޑާ ބޭސްއަށް ވެސް އެ ދަރިވަރުން ޒިޔާރަތްކުރާނެ އެވެ. މި ޕްރޮގްރާމްގެ ސަބަބުން ޗައިނާގެ ތަރައްގީ އާއި ސަގާފަތާއި ތައުލީމީ ނިޒާމާއި އިގްތިސާދީ ކުރިއެރުންތައް ގާތުން ބެލުމުގެ ފުރުސަތު ލިބި، ދަރިވަރުންނަށް އާ މައުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ