
މިކަން ހާމަކުރައްވާފައިވަނީ ހޯމް މިނިސްޓްރީންނެވެ. މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރުމަށް ދިން އެއް މަސް ދުވަހުގެ މުއްދަތު ހަމަވުމުން، އެކްސްޕެޓް ޕޯޓަލުން އެފަރާތްތައް ވަނީ ސަސްޕެންޑްކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ، ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓު އުސޫލުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށްވެސް މިނިސްޓްރީން ވަނީ ނިންމާއެވެ. މި ފިޔަވަޅަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން، 174,152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ހައްލު ކުރުމަށެވެ.