
މާލެ ސިޓީ ކައުންސިލުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ބުންޏެވެ. މި މަސައްކަތުގެ ތެރެއިން ފޭސް 2 ގެ ކޮންކްރިޓް މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޕާކުގެ މަސައްކަތް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކުރިއަށްދާ މި ޕާކުގައި އާ ގިނަ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ބެޑްމިންޓަން ކޯޓަކާއި، ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި، ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ހިމެނެއެވެ. މީގެ އިތުރުން އިވެންޓްތައް ބޭއްވުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދަކާއި، އުމުރުން ދުވަސްވީ މީހުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއްވެސް ހެދުމަށް ވަނީ ރޭވިފައެވެ.
ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކު މިހާރު ތަރައްގީކުރަމުން އަންނަނީ މާލޭގެ ރައްޔިތުންނަށް، ޚާއްސަކޮށް ގަލޮޅު ދާއިރާގެ ރައްޔިތުންނަށް، އާރާމުކޮށްލުމާއި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ފަހިފުރުސަތެއް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. މި މަޝްރޫއު ނިމުމުން، މާލޭގެ ރައްޔިތުންނަށް އާ ތާޒާ މާހައުލެއް ލިބިގެންދާނެއެވެ.