
މި ބަދަލާއެކު ފަހުމީއަށް ވަނީ ދައުލަތުގެ އިސް މަގާމެއްގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބިފަ އެވެ.
ފަހުމީ އައްޔަން ކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. މި މަގާމަކީ މިނިސްޓަރުންނާ އެއް ފެންވަރުގެ މަގާމެކެވެ.
ފަހުމީ ވަނީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ތަފާތު އެތައް މަގާމެއްގައި ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، އަދި ކަސްޓަމާ ސާވިސްގެ އިސް މަގާމުތައް ހިމެނެ އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރެއްވީ 2023، ނޮވެމްބަރު 28 ގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ފަހުމީގެ ބަދަލުގައި އެ މަގާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އެވެ.