
މި އޮޕަރޭޝަންތަކުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ގާނޫނާއި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ހެލެތް މިނިސްޓްރީން ޢާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުޢާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަަށް ކަސްޓަމްސްއިން ވަނީ އެދިފައެވެ.
ދުންފަތް އެތެރެކުރުން މަނާކޮށް ސިނގިރޭޓް ގެ އަގު އުފުލުމުން ވަގަށް ސިނގިރޭތް އެތެރެކުރުން ވަނީ އިތުރުވެފައެވެ.