
ބައްސާމްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މިއަދު މެންދުރު އޮތީވެސް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ. އެއީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ފައިސާއިން އަގުބޮޑު އެޕާޓްމެންޓެއް ގަތް މައްސަލައެވެ.
ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރިއިރު، އެ އެސޯސިއޭޝަންގެ ފައިސާއަށް ހިޔާނަތްތެރިވެ، ގަތް، ހިޔާނާތުގެ ފައިސާއިން ގަތް ޕެންޓްހައުސް ދައުލަތަށް ނަގައިދޭން ކުރިންވަނީ އެދެފައެވެ. ބައްސާމްގެ ޕެންޓްހައުސް ދައުލަތަށް ނަގައިދޭން އެދުނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެއިންނެވެ.
ބައްސާމު ޢަދީލް ޖަލީލު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާ ކުރާ މި މައްސަލަ ބައްސާމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަދި ބައްސާމު ޢަދީލް ޖަލީލް، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާ މައްސަލަ ބައްސާމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދައުވާތަކާ ގުޅިގެން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް އަދި ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށްވަނީ އެދިފައެވެ.