
މިއަދު ބޭއްވި އެ ބިލް ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ޖުމްލަ އަށް އިސްލާހެއް ބިލަށް ވަނީ ގެނެސްފަ އެވެ. މާބޮޑެތި މައިގަނޑު އިސްލާހުތަކެއް ބިލަށް ގެނެސްފައެއް ނުވެ އެވެ
ހަ މެންބަރުން ބައިވެރިވި ކޮމިޓީގެ ބައްދަލުވުމުގައި އެންމެ މައިގަނޑު އެއް އިސްލާހަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހުރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް އޮތް އޮތުން ބަދަލުކުރުމެވެ. ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިހުތިޔާރު އީސީ ލިބިގެންވާކަމަށެވެ.
ބިލަށް ގެނައި އަނެއް ބަދަލަކީ ރައީސްއަށް ފެނިއްޖެ ހިދެއްގައި ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ހިޔާލު ހޯދަން އެ ސަރަހައްދެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެކަމަށް ބަދަލުކުރުމެވެ.
ދެން ބިލަށް ގެނައި ބަދަލަކީ މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފަ އެވެ.
އަދި، ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އެއް ބިލަށް ވަނީ އިތުރުކޮށްފައެވެ.