
އެ ކަައުންސިލުން ނެރުން ނޫސްބަޔާނުގައި ބުނެފައިވަނީ ދޮންފަނަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާ އޮތް ރަށެއް ކަމަށާއި ރަށަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހަލެއް ލިބެން އޮތީ ބިންހިއްކުމެގެ މަސައްކަތް އަވަސް ކޮށްގެން ކަމަށްވެ އެވެ.
އެ ނޫސް ބަޔާނުގައި އިތުރަށް ވާ ގޮތުން 13 އޮގަސްޓުގައި ރައީސް ދޮންފަނަށް ވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި އެމްޓީސީސީއާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު ރައީސް ރައްޔިތުން ބިންހިއްކުން ދެކޮޅު ކަމަށް ވިދާޅުވި ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެހެން ވިދާޅުވި އިރު އެ ކަމާއި ގުޅިގެން ކައުންސިލާއިވެސް އެއްވެސް މަސްވަރާކުރައްވާފައި ނުވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
އެގޮތަށް އިތުރުފުޅު ހެއްދުވުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ކައުންސިލުން އެދެމުންދަނީ ރައީސް ނިންމެވި ނިންމެވުން އަނބުރާ ގެނެސް ވީހާވެސް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމައް ކަމަށް އެ ކައުސިލުން ދަނީ ބުނަމުން ނެވެ.
ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ރަށްރަށުގައި ކުރިއަށް ގެންދާނެ މަސައްކަތްތަކާ ބހޭ ވައުދުތައް ވެ ވަޑައިގަންނަވަނީ ރައްޔިތުން އެކަންތަކަށް އެ މަނިކުފާނު އަރިހުން އެދުމުން ކަމަށެވެ.
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމުމާއި ގުޅިގެން އެރަށުގެ ރައްޔިތުންތަކެއް ނިކުމެ ރައިސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ދޮންފަނު ގައި މުޒާހަރާއަށް ނިކުމެ ތިބި މީހުން ގޮވަމުން އަންނަނީ، ދޮންފަނު ބިން ހިއްކަން ނޭދޭ ކަމަށް އެ ރަށުގެ އެއްވެސް މީހަކު ބުނެފައިނުވާނެ ކަމަށެވެ.
ދޮންފަނު ކައުންސިލް އިދާރާ ކައިރިއަށް އެއްވި މީހުން ގޮވަމުން އަންނަނީ ރައީސްގެ ނިންމެވުން ބަދަލުކުރުމަށެވެ.
ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ނިންމުމަށް ފަހު، ބަދަލު ގެންނަން ޖެހުނީ، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް އެކަން ނުކުރަން ގޮވާލަމުންދާތީ އެވެ.
މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި 5،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައި ވެއެވެ.
ބ. ގޮައިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ.
ގުދުރަތީ މާހައުލު މިހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.