ads
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރުން
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް "ކޮންޓްރޯލް"ކުރާ ބިލުގެ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
Advertisement

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ.

އެހެންވެ ކޮމިޓީ ސިއްރުކުރަން މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ސިއްރުކުރަން ނިންމުމާއެކު، ކޮމިޓީ އަޑުއަހަން ހާޒިރުގެ ތިބި ބައެއް ނޫސްވެރިން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފަ އެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެއާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ އެކު މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ.

ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އެ ދުވަހު ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.

އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

މި ބިލާ ގުޅިގެން މީގެކުރިން މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، އެހެނިހެން މީޑިއާތަކުން ވެސް ވަނީ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. 

އެ ހުރިހާ ފަރާތަކުންވެސް ވަނީ އެއްވެސް މަޝްވަރާއެއް ނެތި ހުށަހަޅާފައިވާ މި ބިލުގައި ނޫސްވެރިކަން ކޮންޓްރޯލް ކުރެވޭގިނަ މާއްދާތަކެއް ހުރުމުން، ބިލު އަނބުރާ ގެންގޮސް ބޭރުކޮށްލުމަށް ގޮވާލާފަ އެވެ. ނޫސްވެރިން ފާހަގަކުރާ ގޮތުގައި، ބިލުގައި ނޫސްވެރިންނަށް ހިމާޔަތްދިނުމާއި، މީޑިއާތައް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުން ފަދަ މުހިންމު ކަންކަމަށް އެއްވެސް އަހައްމިއްޔަތެއް ދީފައެއް ނުވެ އެވެ. 

މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްކޮށް ބިލު ތަސްދީގުކޮށްފިނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެ ވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް