
އެ ރަށުގެ ބިން ހިއްކުމާއި ބަނދަރުގެ ނެރު ބަދަލުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކަން ވައުދުވީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި، އެ ވައުދު ފުއްދަން އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އެކަމަކު ރައްޔިތުން މިހާރު ދޮންފަނުގެ ބިން ހިއްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއެއްގެ ޒަރިއްޔާއިން އަންގާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރަައީސްގެ އެ ނިންމެވުމާ ގުޅިގެން އެ ރަށު ރައްޔިތުން މިއަދު ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. އެ މުޒާހަރާގެ ހަބަރުތައް ރިޕޯޓްކޮށްފައިވަނިކޮށް ރައީސްގެ ޕޯސްޓް ރީޕޯސްޓް ކުރައްވަމުން މުއްތަލިބް ވިދާޅުވީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަަމަށެވެ.
ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ނިންމުމަށް ފަހު، ބަދަލު ގެންނަން ޖެހުނީ، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް އެކަން ނުކުރަން ގޮވާލަމުންދާތީ އެވެ.
މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި 5،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައި ވެއެވެ.
ބ. ގޮައިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ.
ގުދުރަތީ މާހައުލު މިހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.