
ބައްސާމްއަށް ވަކީލަކު ހޯދަން 10 ދުވަސްދަނީ، އަމީން އެވެނިއު އެޕާޓްމެންޓެއް، އެފްއޭއެމްގެ ފައިސާއިން ގަތް މައްސަލައިގައެވެ. އެ މައްސަލަ މިއަދު ކޯޓުގައި ފެށިއިރު، ބައްސާމްގެ ވަކީލަކު ނެތެވެ. އޭނާ އެދުނީ ވަކީލަކު ހޯދަން 10 ދުވަހުގެ ފުރުސަތެއް އޭނާއަށް ދިނުމަށެވެ.
ބައްސާމު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުވާ ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. މި މައްސަލަ މިއަދު ފަށައި، ދައުލަތުންވަނީ ދައުވާ އިއްވާފައެވެ.
ދައުލަތުން ބައްސާމްއާ ދެކޮޅަށް މިއަދު އުފުލި ދެ ދައުވާގެ ތެރެއިން ހިޔާނާތުގެ ދައުވާއަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާތީ އެ މައްސަލައެވެ. އެ މައްސަލަ ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް ބައްސާމްއަށް އިއްވާނެއެވެ.
ބައްސާމްގެ މައްޗަށް މިއަދު އުފުލި ދެވަނަ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދައުވާއެވެ. މިއީ، ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާ މައްސަލައެވެ.
ބައްސާމަށް ވަކީލަކު ހޯދަން މިއަދު 10 ދުވަސް ދިން އިރު، އޭނާގެ މައްޗަށް އުފުލާފައިވާ އެހެން ދެ ދައުވާއެއްވެސްވަނީ ފެށިފައެވެ. އެ މައްސަލަތަކުގައި ބައްސާމްގެ ވަކީލުންގެ ޓީމެއް އޮވެއެވެ.