ads
ބިން ހިއްކުން އަވަސްކުރަން ގޮވާލައި ދޮންފަނުގައި މުޒާހަރާކުރަނީ.
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާ ކުރަނީ
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމުމާއި ގުޅިގެން އެރަށުގެ ރައްޔިތުންތަކެއް ނިކުމެ ރައިސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފި އެވެ.
Advertisement

ދޮންފަނު ގައި މުޒާހަރާއަށް ނިކުމެ ތިބި މީހުން ގޮވަމުން އަންނަނީ، ދޮންފަނު ބިން ހިއްކަން ނޭދޭ ކަމަށް އެ ރަށުގެ އެއްވެސް މީހަކު ބުނެފައިނުވާނެ ކަމަށެވެ. 

ދޮންފަނު ކައުންސިލް އިދާރާ ކައިރިއަށް އެއްވި މީހުން ގޮވަމުން އަންނަނީ ރައީސްގެ ނިންމެވުން ބަދަލުކުރުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ.

ރަށެއްގެ ރައްޔިތުން ބޭނުންނުވާކަމެއް ކޮށްދިނުމަށް ވައުދުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ޕޯސްޓުގައިވެ އެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެ ރަށު ރައްޔިތުން މިއަދު ވަނީ މުޒާހަރާ ކުރަން ފެށުމުން ރައީސްގެ ޕޯސްޓް ރީޕޯސްޓް ކުރައްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަަމަށެވެ.

ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ނިންމުމަށް ފަހު، ބަދަލު ގެންނަން ޖެހުނީ، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް އެކަން ނުކުރަން ގޮވާލަމުންދާތީ އެވެ.

މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި 5،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައި ވެއެވެ.

ބ. ގޮައިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ.

ގުދުރަތީ މާހައުލު މިހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް