
ބާޒާރުގައި މިވަގުތު އޮރެންޖެއް ވިއްކަމުންދަނީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އެއީ ކިލޯއިން ބަލާނަމަ ގާތްގަނޑަކަށް ކިލޯއެއް 72 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އާންމު ރައްޔިތުންނަށް ބޮޑު އަގަކަށް މިއަގުވުމުން އެސްޓީއޯއިން ވަނީ އޮރެންޖު ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ.
އެސްޓީއޯއިން ބުނީ އޮރެންޖު ކިލޯއެއް 35ރ.ގެ މަގުން، ހަމައެކަނި ރީޓެއިލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި ބައެއް ބާވަތްތަކުގެ ކާބޯތަކެތި ލިބުން ދަތިވުމުން ނުވަތަ އަގު ބޮޑުވުމުން އެސްޓީއޯ އިން އެ ބާވަތުގެ ކާބޯތަކެތި ރާއްޖެ ގެނެސް މީގެ ކުރިންވެސް ހެޔޮ އަގުގައި ވިއްކާފައިވެ އެވެ.
ބާޒާރުގައި ބައެއް ތަކެތި އަގުބޮޑުވުމުން ހެޔޮ އަގެއްގައި ޟަރޫރީ ތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ގެނެސް ވިއްކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވައިފަ އެވެ.
- އިތުރަށް ކިޔާލަން: މުގު ބިސް ހިމެނޭހެން މޭވާ އާއި ތަރުކާރީ އެސްޓީއޯއިން ވިއްކަން ނިންމައިފި