
އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން
ފުލުހުން ރޭ ހައްޔަރުކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ދޫކޮށްލައިފި
އަލީ މިދުހަތު
11 ސެޕްޓެމްބަރ 2025 - 12:54:16
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ރޭ ފުލުހުން ހައްޔަރުކޮށް މިއަދު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފި އެވެ.
ހުސެއިންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ހުސެއިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
"ހުސައިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީންއެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތައް ދަތި ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ނަސީހަތްތެރިވުމުން، އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސިން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާތީ. އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި،" ފުލުހުން ރޭ މީޑިއާ ގްރޫޕަށް ފޮނުވި މެސެއްގައި ބުންޏެވެ.
ހުސައިން ހަސަން ހައްޔަރުކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި ހުސައިން ހަސަން ހައްޔަރުކުރީ "ވަރަށް އަނިޔާވެރިކޮށް" ކަމަށް އެ ޕާޓީން ބުންޏެވެ.
ހުސައިން ހަސަނަކީ އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު" ގެ މީޑިއާ ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް