
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން އިއްޔެ މަނާކުރީ ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ.
އެކަމަކު އެއީ ގާނޫނާހިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ.
ދޮންފަނުން މިއަދު ކަނޑުމަތީ މުޒާހަރާ ކުރަން ތިއްބައި ޑައިވްކުރަން އެ ސަރަހައްދަށް ދިޔަ ދޯނިތަކަށް ވަނީ ހުރަސްއަޅައިފަ އެވެ. ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯތަކަކުން ފެންނަ ގޮތުގައި، ދޮންފަނު ކައިރިއަށް ފީނަން ދިޔަ ބަޔަކަށް މުޒާހަރާ ކުރާ މީހުން ވަނީ ހުރަސް އަޅާފަ އެވެ.
މުޒާހަރާގެ ބައިވެރިން އަންނަނީ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށާއި ރައްޔިތުންގެ އާދޭހުގެ އަޑުއެހުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ފައިބަން އުޅުމުން ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދާ ކައިރިކޮށް އެކަން ނުކުރަން އަންގާފައިވެ އެވެ. އެކަމުގެ ސަބަބުން އެ މީހުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގާފައިވެ އެވެ.
ދޮންފަނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ސަރުކާރުން މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރި އެވެ.
ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމުން ރައީސް ވަނީ އެ މަޝްރޫއު ހުއްޓާލާން ނިންމައިފަ އެވެ.