
ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދުގެ ބޮޑު ބައެއް ވަނީ މިހާތަނަށް ލިބިފައެވެ.
މި އަހަރަށް 39.79 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، މިހާތަނަށް ވަނީ 26.31 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އަންދާޒާކުރި އާމްދަނީގެ 66 ޕަސަންޓެވެ. ނަމަވެސް، ކެޕިޓަލް ހަރަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. މިގޮތުން، ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 7.80 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، މި އަހަރު ހަރަދުކޮށްފައިވަނީ އެންމެ 3.28 ބިލިއަން ރުފިޔާއެވެ. މިއާ ހިލާފަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދަށް ބަލާއިރު، ޖުމްލަ 4.12 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެތެރެއިން އެންމެ ބޮޑު ހިއްސާއެއްކަމަށްވާ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 461.2 މިލިއަން ރުފިޔާ އަދި ހައުސިން މަޝްރޫއުތަކަށް 131.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.