
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް އެ ބޭންކުން ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި އަހަރުގެ ދަސްވެނިންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ވަނީ 9،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި އައިޓީ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ، ''ޓެކް ސްޓާޓް'' އިންޓާނުންނަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް، ބޭންކުން ބުންޏެވެ.
ބޭންކުން މައުލޫމާތުދޭ ގޮތުގައި 2018ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓާނުންނަށް ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިންއިރު، އޭގެ ތެރެއިން ބައެއް އިންޓާނުންނަށް ދާއިމީ ވަޒީފާގެ ފުރުސަތުވެސް ދީފައިވާނެއެވެ. ބޭންކުން ބުނީ، އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ސެޕްޓެންބަރު 30 ގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެ އެވެ.