
އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ވޯކްޝޮޕް ފަށާފައިވަނީ މިއަދު މެންދުރު 1:00 ގައި ބާސެލޯ ނަސަންދުރާގަ އެވެ. މި ވޯކްޝޮޕަށް މިހާ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ ދިވެހި ވިޔަފާރިތައް އިންޓަނޭޝަނަލް މާކެޓަށް ނެރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވަނީ އަލިބާބާގެ ތަޖުރިބާކާރުންނެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރިވެރިންނަށް އަލިބާބާ ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވައި، އެމީހުންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ބައިވެރިންގެ ތެރޭގައި އާކޮށް ވިޔަފާރި ފަށާ ފަރާތްތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޭންކުތަކާއި ޕޯސްޓް ހިދުމަތްދޭ ކުންފުނިތައް ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް ހިމެނެ އެވެ.
މި ވޯކްޝޮޕަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމަނިކުފާނުގެ ވައުދުފުޅަކީ ދުނިޔޭގެ ބޮޑެތި އީކޮމާސް ޕްލެޓްފޯމްތަކުން ދިވެހިންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވުމެވެ. އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އަދި އަލިބާބާ ގުޅިގެން ބާއްވާ މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމުގެ ދޮރު ހުޅުވިގެންދާނެ އެވެ.