މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އިއްޔެ ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.
ސޯޝަލް މީޑިއާގައި ރައީސް ސާލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށެވެ.
އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށާއި ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވި އެވެ.