
"ރައްޔިތުންނާއި އެކު" ޕޮޑް ކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ހިއްސާދާރަކީ ސަރުކާރުކަމަށާއި އެސްޓީއޯ އަކީ ވިޔަފާރި ކުރަން އުފައްދާފައިވާ ކުންފުންޏެއްކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެސްޓީއޯއިން އެތެރެ ކުރަން ޖެހޭނީ ހަމަ އެކަނި ކާޑު ބާވަތްތައް ނޫން ކަމަށާއި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވެސް އެސްޓީއޯއިން އެތެރެ ކުރަން ޖެހޭ ކަމަށެވެ.
ބީއެމްއެލްއިން ކުރިން ދުވަހަކުވެސް ނުދޭ ވަރަށް ދީލަތިކޮށް ޑޮލަރުގެ ފުޅާ ފުރުސަތެއް ވިޔަފާރިވެރިން ދެމުން އަންނަ ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިކަމާއި ގުޅިގެން ހޯލްސޭލްކޮށް ކާބޯތަކެތި ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކަށް މާ ފަހި ފުރުސަތެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
މިކަން ކުރުމަށް ނިންމާފައިވަނީ ސަރުކާރުން ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށް ހިސާބުތަކެއް ހެދުމަށް ފަހު ރައްޔިތުންނައް އެންމެ ފައިދާވާނެ ގޮތަކަށް ބަލާފަ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
އެހެން ބަޔަކު ކުރާ ކަމެއް ސަބަބުން ރައްޔިތުންނަށް ގެއްލުމެއްވާން ނޭދޭ ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނައް އެންމެ ފެންވަރު ރަނގަޅު އަދި ފައިދާ ހުރި ގޮތަކަށް ހިދުމަތްތައް ދިނުމަށް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ވިޔަފާރިވެރިންނައް ޑޮލަރުގެ ދަތިކަމެއް ނެތް ކަމަށާއި ޑޮލަރު ލިބުމުން ބައެއް ފަރާތްތަކުން އޭގެ ބޭނުން ހިފަނީ ނުރަނގަޅު ގޮތުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ރައްޔިތުން ބާރުވެރި ކުރުވަން ކަމަށެވެ.