ads
ކުރީގެ ރައީސުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތްތައް ކުޑަކުރަން އަންނަ ދައުރަށް އެޖެންޑާކުރަނީ
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ކުޑަކޮށް، ބައެއް އިނާޔަތްތައް އުނިކުރުމަށްޓަކައި ގާނޫނަށް އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމާއެކު މި އިސްލާހުތައް އެޖެންޑާކުރައްވާނެ ކަމަށެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ، "ރައްޔިތުންނާ އެކު" ގެ ނަމުގައި ގެނެސްދެއްވާ ޕޮޑްކާސްޓުގެ އެންމެ އާ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސުންނަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތަކަކީ ގައުމުގެ އިގްތިސާދީ ހާލަތާ ބަލާއިރު ވަރަށް ބޮޑެތި އަދަދުތަކެކެވެ. 

ކުރީގެ ވެރިންނަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދައުލަތުން ފަހިކޮށްދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެކަން އޮންނަންވާނީ ގައުމަށް ތަހައްމަލު ކުރެވޭނެ މިންވަރަކުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. "އެ ގައުމެއްގެ ނިސްބަތުން، އެ ގައުމަކަށް ވާން އޮތް މިންވަރަކުން ވާނީ. އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަކީ ވެސް ރައްޔިތުން އިންސާފުވެރި ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެއް ދައުރު މަގާމުގައި ހުންނެވުމަށްފަހު ވެސް އިނާޔަތް ލިބޭ ގޮތަށް އޮތުމަކީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރުމަށްފަހު އަލުން ސަރުކާރުގެ ފުލްޓައިމް ވަޒީފާއަކަށް ވަންނަ ފަރާތްތަކަށް، އެ ވަޒީފާގައި އުޅޭ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ހެދުމުގެ އިސްލާހެއް ވެސް ހުށަހަޅުއްވާނެ ކަމަށާއި، މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް