ads
އެމްޖޭއޭ އިން ކޮންޓްރޯލް ބިލް މަޖިލީހުން ފާސް ކުރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ކުރިޔަސް އަމަލެއް ނުކުރާނަން، އެދެނީ ބިލް ތަސްދީގު ނުކުރަން: އެމްޖޭއޭ
މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ފާސްކުރި މީޑިއާ ބިލު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށާއި މަޖިލިހުން މިހާރު ފާސްކުރި ބިލުން ހައްލެއް ނުލިބޭތީ އެ ބިލް ތަސްދީގު ނުކުރައްވަން ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.
Advertisement

މި ބިލު ފާސްކުރުމާ ގުޅިގެން އެމްޖޭއޭ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށާއި އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށެވެ.

އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް ރޭ ވިދާޅުވީ މި ބިލު މަޖިލީހުން ފާސްކުރީ، ނޫސްވެރިން އެދުނު އިސްލާހުތަކާއެކު ނޫން ކަމަށާއި، އެހެން ބުނުމަކީ ވަރަށް ބޮޑު ދޮގެއް ކަމަށެވެ.

އެގޮތުން މީޑިއާތައް ރެގިއުލޭޓުކުރަން އޮންނަންވާނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްކަމަށް ތަކުރާރުކޮށް ނޫސްވެރިން ބުނަމުންދިޔައިރު ވެސް، ބިލުގެ ސަބަބުން އެ ނިޒާމު އެއްކޮށް އުވައިލެވޭކަމަށް ނާއިފް ވިދާޅުވިއެެވެ. އަދި އުފަންވަނީ ސަރުކާރުގެ ނުފޫޒާއި ބާރު އޮންނަ ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން މި ބިލު ފާސްކުރި ނަމަވެސް، އަދިވެސް އެ ޖަމިއްޔާގެ ސްޓޭންޑް ބަދަަލުނުވާ ކަމަށެވެ. އެގޮތުން އަދިވެސް މި ބިލު ބަލައިނުގަންނަ ކަމަށާއި، ރައީސަށް ގޮވައިލައްވަނީ މި ބިލު ތަސްދީގު ނުކުރައްވައި، މަޖިލީހަށް ފޮނުވައިލެއްވުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ބިލު ތަސްދީގުކުރިއަސް، އަޅުގަނޑުމެން އަމަލެއް ނުކުރާނަން. އަޅުގަނޑުމެން އެއަށް ގޮންޖަހާނަން،" އިހުތިޖާޖުތަކާއި، ހޭލުންތެރިކަމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވި އެވެ.

އެމްޖޭއޭގެ ނައިބު ރައީސް، "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވިދާޅުވީ މި ވަގުތު ސަރުކާރުގެ ސިޔާސީ އެކްޓިވިސްޓުން ބިލުގެ ދިފާއުގައި ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމްޖޭއޭން ހިންގާ ހަރަކާތްތަކުގައި އެންމެ ބޮޑަށް ކުރަން ޖެހިފައިވާ ކަމަކީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް މި ބިލާ ގުޅޭ ކަންކަން ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން އެ ދަނީ، އެހެންވެ އެންމެ ބޮޑު، އެންމެ މުހިންމު ކަމަކަށް މި އޮތީ ބިލާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދިއުން،" ޝަހުޒާން ވިދާޅުވި އެވެ.

އެމްޖޭއޭއިން ވަނީ އިއްޔެގެ ސުލްހަވެރި އިހުތިޖާޖުގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް، ގިނަ ބަޔަކަށް އަނިޔާވެފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ.

ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް