ads
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް "ކޮވެލި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް "ކޮވެލި" ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު "ކޮވެލި" އިއްޔެ ހުޅުވައިފި އެވެ.
Advertisement

އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދާއި އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށްވާ މުޖުތަބާ ލަތީފާއި މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1230 އަކަމީޓަރު ބޮޑު ތަނެކެވެ. މިތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައި ވެއެވެ.

އެ ލައުންޖުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް