
އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން ވ. ފެލިދޫގައި އިއްޔެ ޕާސްޕޯޓް ހެދުމުގެ ހިދުމަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.
މިއީ ރާއްޖޭގެ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތާއި ގުޅިގެން ކުރިޔަށް ދާ ކަމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮންޓްރޯލާ އަހްމަދު އަޝްފާން ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެގޮތް ހެދުމަށް އިސްކަންދީފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި ހިދުމަތް ވ.ފެލިދޫއިން ލިބެން ފެށުމާ ގުޅިގެން އެ ރަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ އެވެ. މީގެ ކުރިން އެ ސަރަހައްދުގެ ރައްޔިތުން ޕާސްޕޯޓް ނަގަން މާލެ އަންނަން ޖެހުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށް ވެފައި އޮތެވެ