
މި ކަން އިއުލާނު ކުރަމުން ޕޯޗުގަލްގެ ހާރިޖީ ވުޒާރާއިން ބުނީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، މާދަމާ އެ ކަން ރަސްމީކޮށް އިއުލާނު ކުރުމަށް ނިންމާފައިވާ ކަމުގަ އެވެ.
އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި 10 ވަރަކަށް ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، ފްރާންސް އާއި ކެނެޑާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ގައުމުތަކުގެ ތެރެއިން ސްވިޑެނާއި ސައިޕްރަސުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފަ އެވެ.
އެއާއެކު ފަލަސްތީނުގެ ދައުލަތް 147 ގައުމަކުން ބަލައިގަންނާނެއެވެ. އެއީ އދ ގެ 75 ޕަސަންޓެވެ.
ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅޭ "ނިއުޔޯކް ޑެކްލެރޭޝަން" އދ.ގެ އާންމު މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.
އިޒްރޭލުން ދައްކާ ބިރަށާއި ހުޅަނގު އައްސޭރި ހިފަމުން ދިއުމާ މެދު ބިރު ގަނެ އިޒްރޭލު ދެކެ ދުނިޔެ ޖެހިލުންވެގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ގުޓަރެޒް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލިސް ފެށުމަށް ތައްޔާރުވެ އަދި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް، އެކަމަށް ވަކާލާތުކުރުމުގައި އިސްކޮށް މަސައްކަތްކުރާ ފްރާންސުން ބުނެފައި ވަނިކޮށެވެ. މިއީ އިޒްރޭލުން ހަރުކަށިކަމާ އެކު ދެކޮޅުހަދަމުންދާ ކަމެކެވެ.
އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 65،000 އިން މައްޗަށް އަރައިފި އެވެ.
ގާޒާ ސިޓީގެ އާންމުން މިހާރު ބުނާ ގޮތުގައި މި ދުވަސްވަރު ވަނީ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އެއްގަމު މަގުން އިޒްރޭލު ސިފައިން ގާޒާ ތެރެއަށް ވަންނަމުންދާ ކަމަށް ވެސް ބުނެ އެވެ.