
"ހިޔާވެހި ފައިނޭންސް ސްކީމު" އަކީ ބޯހިޔާވަހިކަމަށް 5 ޕަސަންޓު އިންޓަރެސްޓުގައި 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ސަރުކާރުން އެކުލަވާލި ސްކީމެކެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިހާރު މ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ހިޔާވެހި ފައިނޭންސް ސްކީމު: އަކީ އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ދަތިވެފަވާ މީހުންނަށް ސަރުކާރުން ހުޅުވައިދިން ފަހި ފުރުސަތެއްކަމަށެވެ. އަދި މިކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މި އަހަރަށް ހޮވުނު ފަރާތްތަކަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ހިޔާވެހި ފައިނޭންސް ސްކީމު" ގެ ނަމުގައި ތައާރަފުކުރި މި ލޯނު ސްކީމުގެ ދަށުން ރަށްރަށުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާނެއެވެ. އަދި އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޯނަށް ކުރިމަތިލާން ހުޅުވާލުމުން ކުދި ރަށްތަކަށް ހާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި މާލެއަށް ހާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.