މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކޮޅުމަޑުލުގެ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެމްޓީސީސީން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން 50،291 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 330 މީޓަރު ސަރަހައްދެއްގެ އެއްގަމުތޮށި ލުމާއި، 262 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 504 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ގްރޮއިން ޖެހުމާއި، 1،580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މިއީ 94 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލު ކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 540 ދުވަހެވެ.
ވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ރަށު ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ވަންދޫގައި އޭޓީއެމްގެ ހިދުމަތްވެސް ފަށާފައި ވެއެވެ.