ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގައި ބޭއްވުނު ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ.
އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖެއަށް ފަށައިފަ އެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރެއެވެ.
އަޒަރުބައިޖާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ގަޑިއިރެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓެވެ.
މީގެކުރިން އެ މިނިސްޓްރީން ބުނީ، މިހާރު ރާއްޖެއިން 94 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. ވިސާނެތި ދަތުރު ކުރެވޭ ގައުމުތައް އިތުރުވުމަކީ ޕާސްޕޯޓް ވަރުގަދަ ވާ ކަމެކެވެ.