ads
ފެނަކަ
ފެނަކަ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސް އެދިވަޑައިގެންފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް އެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
Advertisement

އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ތ. ތިމަރަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ އޮޑިޓް ރިޕޯޓާ ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ. އަދި ފެނަކަ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެނިގެން ހިނގައްޖެ ހުރިހާ ރަށެއްގައި ކަހަލަވގޮތަކަށް ހުރި ފެނަކަ އޮފީހަށް ހަދާލައިފައި އޮތް ގޮތް އޮޑިޓް ރިޕޯޓުން. އޮޑިޓް އޮފީހަކީ ވެސް މިނިވަންތަނެއް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ އެތާކަށް، އެ ރިޕޯޓްގައި އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކޮށްފައި އޮތް ކަމަށް. ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ފަށައިފި، ދެން އޭސީސީއަށް ވެސް ޕީޖީއަށް އަންގައިފިން ކަންކަން އަވަސް ކުރަން" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ. އެކަމަކު، ސޯލިހުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.

ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް މިހާރު ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފަ އެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް