ads
ރައީސް މުހައްމަދު މުއިއްޒު
ވައްކަން ކުރާ މީހުން ފަހަތުން އިދާރާތައް ދާނެ ބިލެއް، ނަމަކީ އެސެޓް ރިކަވަރީ ބިލް!
ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް "އެސެޓް ރިކަވަރީ ގާނޫނެއް" ތައާރަފްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތ. ތިމަރަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފްކުރަނީ މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފައިސާ ހޯދޭނެ ގޮތެއް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތުމުން އެ ފައިސާ ހޯދޭނެ މަގު ފަހިކުރުމަށް ކަމަށެވެ. 

"އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއުގެ ދަށުން ސަރުކާރާއި ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ، ކޮރަޕްޝަނަކީ އަބަދު ސަރުކާރު ތެރޭގައި ހިނގަހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތްއޮތުމަށް ބަދަލު ގެންނަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ރައްޔިތުންނަށް ޓަކައި ތެދުވެރިކަމާއި އަމާނާތަތްތެރިކަމާއެކު ވެރިކަން ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވައްކަމުން ދައުލަތުން ގެއްލޭ ފައިސާ އަބުރާ ހޯދަން ބިލެއް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވިއިރު ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން މިފަހުން ވަނީ ހާމަވެފައި އެވެ. 

އެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.

ފެނަކައިގެ ބޮޑު ހިޔާނާތް މިއަދު ހާމަވީއިރު، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެއް ބިލިއަން ރުފިޔާގެ އެމްއެމްޕީއާރްސީ ހިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެކެވެ. އެ މައްސަލަ ވެސް ނުބެލި އަދި ގެއްލުނު ފައިސާ ވެސް އަބުރާ ދައުލަތަށް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް