ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށިޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި / ޑީންސްވިލާ، އަހުމަދު ޝާމިލް (41އ) އާއި ހއ. ހޯރަފުށި / ޑީންސްވިލާ، އިބްރާހީމް މުހައްމަދު (40އ) އެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރުކޮޅާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 3700 އަށްވުރެ ގިނަ ރުފިޔާ ފެނިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތުދީފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.