2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ފެނަކަ ހިންގާފައިވާ ގޮތާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ފެނަކައަށް ބްރޭންޑް އާ 8 ޖެނެރޭޓަރު ސެޓް ސަޕްލައިކޮށްދިނުމުގެ މަސައްކަތް 7 އެއްބަސްވުމުގެ ދަށުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފަ އެވެ.
އެ ކުންފުނިތަކުން ފެނަކައަށް ވިއްކާފައިވާ ޖެނެރޭޓަރުތަކަކީ ރީފަބިޝްޑް ޖެނެރޭޓަރުތަކެއްގެ ގޮތުގައި ރާއްޖެ އެތެރެކޮށްފައިވާ ޖެނެރޭޓަރުތަކެއް ކަމާއި އެ ޖެނެރޭޓަރުތަކުގެ ސީއައިއެފް އަގާއި އިމްޕޯޓް ޑިއުޓީގެ ޖުމްލަ އަގަކީ 2،880،372 (ދެ މިލިއަން ރުފިޔާ) ކަމަށްވާއިރު، އެ ތަކެތި ފެނަކައަށް ވިއްކާލާފައިވަނީ ޖުމްލަ 17،388،240 (17 މިލިއަން ރުފިޔާ) އަށްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އޮޑިޓް އޮފީހުން ބުނީ، މުޅިން އާ ޖަނަރޭޓަރުތަކެއް ހޯދަން ހަދާ އެއްބަސްވުމެއްގެ ދަށުން ބޭނުންކޮށްފައި ހުރި ޖަނަރޭޓަރުތަކެއް އެ ދެ ކުންފުނިން ވިއްކުމަކީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށެވެ. އެ ތަކެތި އައު ޖަނަރޭޓަރުގެ ގޮތުގައި ގޮތުގައި ބަލައިގަނެ, އާ ޖަނަރޭޓަރަށްވާ ފައިސާ ދޫކޮށްފައިވުމަކީ ނާޖާއިޒު މަންފާ ހޯދައި ދިނުން ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
މި ބޮޑު އަގު ލިބޭ މަސައްކަތް އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އާއްމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަނެއް ކަމަކީ އެ ޖަނަރޭޓަރުތައް ގަތުމުގެ މަސައްކަތް ފެނަކައިން އެ ކުންފުނިތަކާ ހަވާލުކުރީ، އެއް ދުވަހާއި ހަތް ދުވަހާ ދޭތެރޭ އެތަކެތި ސަޕްލައިކޮށްދޭ ގޮތަށެވެ. ނަމަވެސް، އެ މަސައްކަތް ފެނަކައިން ހަވާލުކުރުމުގެ ކުރިން، އެ ތަކެތި ހުރީ ރާއްޖެ ގެނެސްފައި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
މި ވިޔަފާރީގެ ބޮޑު މުއާމަލާތަކީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައި ތުހުމަތުކޮށްފައި ވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ. އެކަމަކު، ސޯލިހުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް މިހާރު ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފަ އެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ.