ads
ނަތަންޔާހޫ ވާހަކަ ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް ޖަލްސާ ދޫކޮށް ނިކުތުން
ނަތަންޔާހޫ ވާހަކަ ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް ޖަލްސާ ދޫކޮށް ނިކުމެއްޖެ
އދ. ގެ އާންމު މަޖިލިހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވާހަކަ ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް ޖަލްސާ ދޫކޮށް ނިކުމެއްޖެ އެވެ.
Advertisement

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުގެ މަންދޫބުން ވަނީ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް އެތަނުން ނުކުމެފަ އެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން އިސްލާމީ ގައުމުތަކުގެ އިތުރުން އެފްރިކާ އަދި ބައެއް ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނުކުމެފައިވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ދެންމެ "އެކްސް" ގައި ވިދާޅުވީ ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ރާއްޖޭގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނިކުތް ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ހަލީލު ވިދާޅުވި އެވެ.

ގާޒާގެ ބޮޑުބައެއް މިހާރު އޮތީ އިސްރާއީލުގެ އަސްކަރީ ވެރިކަމުގެ ދަށުގަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އައްބާސްގެ ފަލަސްތީނު އޮތޯރިޓީގެ އެއްވެސް ދައުރެއް އެ ސަރަހައްދުގައި ނޯންނާނެ ކަމަށާއި ހަމާސް ބަލިވެއްޖެނަމަ ސަރަހައްދުގެ ސަލާމަތީ ކަންކަން ކޮންޓްރޯލު ކުރާނީ އިސްރާއީލުން ކަމަށް ބުނެފަ އެވެ.

ހަމާސްއިން ގާޒާގެ ވެރިކަމުން ވަކިވާން އެއްބަސްވި ނަމަވެސް އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ ހަތިޔާރު ބެހެއްޓުމަށް އިސްރާއީލުން ކުރާ ޑިމާންޑްތަކަށް ދެކޮޅު ހަދައެވެ.

އދ.ގެ އާންމު މަޖިލިސް މި ހަފްތާގައި ފަށާއިރު އަދިވެސް އެތައް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 65،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 110 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް