އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއިން ވިސާ ނުދިނުމުން ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އައްބާސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރަނީ ހަމައެކަނި ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލައި މުޅި ޖީލު ނެތިކޮށްލުމުގެ ގަތުލުއާންމެއް ކަމަށެވެ.
މުޅި ގާޒާ ހަނގުރާމައިގައި ފަލަސްތީނާ އެއްކޮޅަށް ތެދުވެވަޑައިގެންނެވި ދުނިޔޭގެ ލީޑަރުންނަށް އައްބާސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފްރާންސާއި އިނގިރޭސިވިލާތާއި ކެނެޑާއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދާދިފަހުން ނިންމި ނިންމުމަށް އައްބާސް މަރުހަބާ ވިދާޅުވި އެވެ.
ނަމަވެސް, އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ހަމައެކަނި ފަލަސްތީނުގެ ދައުލަތް ބަލައިގަތުން ނުފުދޭ ކަމަށެވެ.
އައްބާސް ވިދާޅުވީ އިޒްރޭލަށް ބިން އިތުރު ކުރުމަށް "ގްރޭޓާ އިޒްރޭލް" ސްޓްރެޓެޖީގެ ދަށުން ހުޅަނގު އައްސޭރި ބައިކޮށް، ގުދުސް އެކަހެރިކޮށް، ދެ ދައުލަތް ގާއިމް ކުރުމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން އަމަލުކުރަމުންދާ ކަމަށެވެ.
އައްބާސް އިތުރަށް ވިދާޅުވީ އިޒްރޭލުގެ އުދުވާނީ ހަމަލާތައް ދެމުންދާ ގާޒާއަކީ ފަލަސްތީނުގެ މުހިންމު ބައެއް ކަމަށެވެ. ގާޒާގެ ހިންގުމާއި ސަލާމަތީ ކަންކަމާ ޙަވާލުވެ ޒިންމާ ނެގުމަށް ޕީއޭއިން ތައްޔާރަށް ތިބި ކަމަށާއި ހަމާސްގެ ބައިވެރިވުމެއް ނެތި އެ ސަހަރު ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމާސްއާއި އެހެނިހެން ފެކްޝަންތަކުގެ ހަތިޔާރު ޕީއޭއަށް ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާޒާގެ ބޮޑުބައެއް މިހާރު އޮތީ އިސްރާއީލުގެ އަސްކަރީ ވެރިކަމުގެ ދަށުގަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އައްބާސްގެ ފަލަސްތީނު އޮތޯރިޓީގެ އެއްވެސް ދައުރެއް އެ ސަރަހައްދުގައި ނޯންނާނެ ކަމަށާއި ހަމާސް ބަލިވެއްޖެނަމަ ސަރަހައްދުގެ ސަލާމަތީ ކަންކަން ކޮންޓްރޯލު ކުރާނީ އިސްރާއީލުން ކަމަށް ބުނެފަ އެވެ.
ހަމާސްއިން ގާޒާގެ ވެރިކަމުން ވަކިވާން އެއްބަސްވި ނަމަވެސް އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ ހަތިޔާރު ބެހެއްޓުމަށް އިސްރާއީލުން ކުރާ ޑިމާންޑްތަކަށް ދެކޮޅު ހަދައެވެ.
އދ.ގެ އާންމު މަޖިލިސް މި ހަފްތާގައި ފަށާއިރު އަދިވެސް އެތައް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 65،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 110 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.