ads
އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިޝްތިހާރު ކުރުމަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން މިއަދު ނަގަނީ
އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށައިފި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޯބަރު 3، ގައި "ލޫޓުވާލައިފި" ނަމުގައި ބާއްވާ މުޒާހަރާ އިސްތިހާރު ކުރަން ދެމި ބެނާތައް މާލެ ސިޓީ ކައުންސިލުން މިއަދު ކަނޑަން ފަށައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ދަނީ އެމްޑީޕީން ދެމި ބެނާތައް ކަނޑަމުންނެވެ.

އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ ހުއްދަ ނުނަގައި އެކަން ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ބުނެ އެވެ. 

އެނގިފައިވާ ގޮތުގައި މޭޔަރު އާދަމް އާޒިމް މާލޭގައި ނޫޅުއްވަނީސް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ އެމްޑީޕީން ދަމާފައިވާ ބެނާތައް މަގުމައްޗަށް ވާ ގޮތަށް ތިރިވެފައި ހުރުމުން އާއްމުންގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ، އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.

އެ އަށް ގިނަ މެމްބަރުންގެ ތާއީދު ލިބުމުން ހަވީރު ވަނީ ބެނާތައް ކަނޑާލަން ފަށައިފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ އެމްޑީޕީން މާލޭގައި ދަމާފައިވާ ބެނާތައް ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށާއި އެމްޑީޕީ އަދި ހުރިހާ ސިޔާސީ ޕާޓީ އަކަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އެގޮތުން އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ބެނާ ހަރު ކުރުމުގައި އަޅުގަނޑު ބައިވެރިވެސް ވާނަން. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަމަގަށް އެޅުވުމަށް ބާއްވާ ބޮޑު އެއްވުމަށް ވެސް ދާނަން،" އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމަކަށް ހަރުކޮށްފައި ހުރި ބެނާތަކެއް މާލެ ސިޓީ ކައުންސިލުން ނަގަން ފަށާފައި ވަނިކޮށް، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހަރުކޮށްފައި ހުރި ބެނާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނަގަން ފަށައިފަ އެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އުސޫލުން ބޭރުން ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ކުރުމަށް ހަރުކޮށްފައިވާ ބެނާއާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ މުޒާހަރާއަށް ތައްޔާރުވާން އެމްޑީޕީން އަންނަނީ މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

އެމްޑީޕީން 3 އޮކްޓޯބަރު އަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ޕިކަޕް ޖަލްސާ އާއި ސައިކަލް ބުރުގެ އިތުރުން އެކި ބައްދަލުވުންްތައް ވެސް ދަނީ ބާއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް