އޯ ލެވެލް އާއި އޭ ލެވެލްއިން ވެސް ރާއްޖެއިން އެއްވަނަ ހޯއްދަވައިގެން ރައީސްގެ ސްކޮލާޝިޕްގައި 2018ގައި ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވި ޝަފްއާން، 30، އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ފުރިހަމަ ކުރައްވައި، ގްރެޖުއޭޓްވީ އިއްޔެ އެވެ.
ޝައްފާން ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސީވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންއިންނެވެ. އޭރު އޭނާ ވަނީ އެންމެ މަތީ ދަރަޖަ އެ ކޯހުން ހޯއްދަވައިގެން، 2019ގެ ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ހާސިލްކުރައްވާފަ އެވެ.
އޭގެ ފަހުން މާސްޓާސް ފުރިހަމަކޮށް، ހޯއްދެއްވި ކާމިޔަބީއާ އެކު 319 ދަރިވަރުންނާ ވާދަކޮށްގެން އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ޝައްފާންއަށް ލިބިވަޑައިގެންނެވީ އޮކްޓޯބަރު 2020ގަ އެވެ.
ޝައްފާން
މިހާރުވެސް ރާއްޖޭގައި ލޯފާމެއް ހިންގަވަމުން އަންނަ ޝައްފާން ޕީއެޗްޑީ ތީސެސް ހެއްދެވީ، ކޮޕީ ރައިޓާ ގުޅުން ހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ.
ޝައްފާންއަކީ، މަޝްހޫރު ވިޔަފާރިވެރިޔާ އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގްގެ ދަރިކަލެކެވެ. އޭނާ ހޯއްދެއްވި މި ކާމިޔާބީއަށް މަރުހަބާ ދައްނަންވައި ފިރާގް ޝޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި އެވެ.
ޝައްފާން ޕީއެޗްޑީ މި ހާސިލް ކުރެއްވި, އޮކްސްފޯޑަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ ފެންވަރާއި ރިސާޗުތަކުގެ ކޮލެޓީގެ ސަބަބުން އެ ތަނުން ކިޔަވައިގެން ނުކުންނަ ގިނަ ދަރިވަރުންތަކެއް ވަނީ ދުނިޔޭގެ ފެންވަރުގެ ލީޑަރުންނަށް ވެފައެވެ.