ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ މި ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ، 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޑެގުއަޅައިގެން ހަދާފައިވާ މި އިމާރާތުގެ ޑެގުވަނީ އަލިފާން ރޯވުމުގެ ސަބަބުން މުޅިން ވެއްޓިފަ އެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ސިފައިން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ވެފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.