އެމްއެމްއޭ އިން ބުނީ މިއީ ރާއްޖޭގެ އިގްތިސާދާއި ގުޅޭ އެކި މައުލޫތަކަށް ހިޔާލުފާޅު ކޮށް އިލްމީ ނަޒަރަކުން މާލީ ކަންކަމަށް ދެނެގަތުމަށް ޒުވާނުން ބައިވެރިކުރުމަށް ބާއްވާ ބަހުސް މުބާރާތެއް ކަމަށެެވެ.
އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި ގްރޭޓާ މާލެ ސަރަޙައްދުގައި ހިމެނޭ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތުގެ މަގްސަދަކީ ކުރިމަގުގެ ލީޑަރުންގެ މެދުގައި މާލީ ހޭލުންތެރިކަމާއި، މަދަނީ ހޭލުންތެރިކަމާއި، މާލީ ކަންކަމަށް ވިސްނުން އިތުރުކުރުން ކަމުގަ އެވެ.
ބައިވެރިން ބަހުސްކުރާނީ މާލީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ފައިސާއާއި، އިސްލާމީ އިގްތިސާދު ފަދަ ތީމްތަކުގެ މައްޗަށް ކަމަށާއި ބަހުސްތައް ކުރިއަށްދާނީ އިނގިރޭސި ބަހުން، ޕަބްލިކް ފޯރަމް ނުވަތަ ސްޕޮންޓޭނިއަސް އާގިއުމެންޓޭޝަން ސްޓައިލްގަ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ކޮންމެ ވާހަކަދައްކާ ފަރާތަކަށްވެސް 5 މިނެޓުގެ ވަގުތު ދެވޭނެ ކަމަށް ފާހަގަ ކުރަމުން އެމްއެމްއޭއިން ބުނީ ކޮންމެ ބަހުސަކުގެ ކުރިން 30 މިނެޓުގެ ތައްޔާރުވުމުގެ ވަގުތު ދެވޭނެ ކަމުގަ އެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އިކޮންކުއެސްޓްގެ މަގުސަދަކީ ހަމައެކަނި އާންމުކޮށް ވާހަކަދެއްކުމާއި ތަހްލީލުކުރުމުގެ ހުނަރުތައް ތަރައްގީކުރުން އެކަންޏެއް ނޫން ކަމަށާއި މީގެ އިތުރުން، ދަރިވަރުންނަށް ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތައް ދިރާސާކުރުމަށާއި އަދި ދެމެހެއްޓެނިވި މާލީ މުސްތަގްބަލަކަށް އައު އުފެއްދުންތެރި ހައްލުތައް ހުށަހެޅުމަށް ބާރުވެރިކުރުވުން ކަމުގަ އެވެ.
ޝައުގުވެރިވާ ޓީމުތަކުން، 3 އާއި 5 އާ ދެމެދުގެ މެންބަރުން ހިމެނޭ ގޮތަށް، އެ ޓީމުގެ ލީޑަރެއް ކަނޑައަޅައި، 30 ސެޕްޓެމްބަރު 2025 ވާ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެޕްލިކޭޝަންތައް އެމްއެމްއޭއިން ދީފަ އިން ލިންކުން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ