ސައީދުގެ މައްޗަށް ސާބިތުވެފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ.
އެ މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ސައީދު ފެނަކައާ ހަވާލުނުވަނީސް، އެ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުން 30 ޖެނުއަރީ، 2018 ގައި ހެދި އެއްބަސްވުމެކެވެ. މިއީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ.
މި މުއާމަލާތުގެ ތެރެއިން ސައީދު ގޯސް ހެދި ކަމަށް މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 25 އޭޕްރިލް 2019 ގަ އެވެ.
އޭނާގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، މިހާރު ދަނީ އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންނެވެ.
މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.