އިމިގްރޭޝަނުން ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން އެންމެފަހުން ފެށީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެ މީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންދަނީ - ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް "އޯޕަން ވިޒާ" ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް އެ ފަދަ ބިދޭސީން ހޯދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީން މަސައްކަތް ކުރުމުގެ ހުއްދަ ލިބޭނީ އެ މީހުންނަށް ވިޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށެވެ.
ގާތްގަނޑަކަށް ދެ އަހަރުވެފައިވާ މި ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅެ، މަސައްކަތް ކުރާ ބިދޭސީން ހޯދަން އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަނެއް ހިންގަ އެވެ.