މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް ވަނީ ކެޔޮޅުންނާ ބައްދަކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ކެޔޮޅުންވަނީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން އެ މަނިކުފާނާ ހިއްސާކޮށްފަ އެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީޚަކާއި ގުޅޭ މައުޢުލޫމާތު ސާފުކުރެއްވުމަށެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މަސް ގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެކަން ޔަގީންވުމުން ކަމަށެވެ. ނަމަވެސް، މަސް އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ރައީސް މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުން - ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުވުމުގައި މަސްވެރިން ވަނީ އިތުރު ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފަ އެވެ. އެގޮތުން، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތައް ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކެޔޮޅުން ވަނީ، މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކޮށްދިނުމަށް އެދި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވި އެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވި އެވެ.
ހަމަ އެހެންމެ، މަސްވެރިންނާއި ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް އަވަހަށް ކަންކަން ކުރައްވައި، އެމީހުންގެ ކަންކަން ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.