ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިން އިކުއިޕްމަންޓާއި، ޕާސަނަލް ގިޔާގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެ އެވެ. މިއިކުއިޕްމަންޓާއެކު އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމެރިކާގެ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މީގެކުރިން ވެސް އެކި ގައުމުތަކުން ވަނީ ރާއްޖެއަށް ތަކެތި ހަދިޔާކޮށްފަ އެވެ. އެގޮތުން، އިންޑިއާއިން ސިފައިންނަށް ބޭނުންވާ ބަރު އުޅަނދު ހަދިޔާ ކޮށްފައިވާއިރު، ތުރުކީން ވަނީ ރާއްޖެއަށް މަނަވަރެއް ހަދިޔާކޮށްފަ އެވެ.